އީފާސް އަށް އާންމުން ހޭލުންތެރިކުރުމާއި ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ހާއްސަ ހަރަކާތެއް ދ. ކުޑަހުވަދޫގައި

EFAAS Awareness Program for Dhaalu and Faaafu

ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން، ވޯލްޑްބޭންކްގެ އެހީގެ ދަށުން ހިންގާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓާއި، މޯލްޑިވްސް ޑިޖިޓަލް ސަރވިސް، ކުޑަހުވަދޫ ކައުންސިލްގެ އިދާރާ އަދި ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން، ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ކަމުގައިވާ "އީފާސް" އާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމާއި، އީފާސް ބޭނުންކުރުމުގައި ރައްޔިތުންނަށް ދިމާވެފައިވާ އެކި މައްސަލަތައް ފަސޭހައިން ހައްލުކޮށް ދިނުމުގެ ހާއްސަ ހަރަކާތެއް، ދ ކުޑަހުވަދޫގެ ބަނދަރާއި އިންވެގެން އޮންނަ "މެހެމާން ސަރާ" ގައި 2026 ސެޕްޓެންބަރު 9 ވާ ބުދަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 9:30 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އީފާސްއަކީ ސަރުކާރުގެ އެކި މުއައްސަސާތަކުން ދޭ ޑިޖިޓަލް ޚިދުމަތްތަކާއި، ޓާޝަރީ ހޮސްޕިޓަލްތަކުގެ ޚިދުމަތްތަކާއި، އާސަންދަ، ޕެންޝަން، ބޭންކުތަކާއި އަދި މާލީ ޚިދުމަތްތަކަށް އޮންލައިންކޮށް އެކްސެސް ވުމަށް ބޭނުންކުރާ ގައުމީ ޑިޖިޓަލް އައިޑީގެ ނިޒާމެވެ. މިނިޒާމަކީ އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ގުޅިފައިވާ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީއެވެ.

މޯލްޑިވްސް ޑިޖިޓަލް ސަރވިސް އިން ތައްޔާރުކޮށް ބަލަހައްޓަމުންދާ އީފާސް ނިޒާމަކީ ރައްކާތެރިކަން މުހިންމު ނިޒާމަކަށްވާތީ، ފަރުދެއްގެ އީފާސް އެކައުންޓް ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދެނީ އެކައުންޓްގެ ވެރިފަރާތް ކަށަވަރުކުރުމަށްފަހުގައެވެ.

މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ މާލޭގެ ކައުންޓަރުން ދެމުންދާ ހިދުމަތްތަކެކޭ އެއްފަދައިން، ކުޑަހުވަދޫގައި ބާއްވާ ހަރަކާތުގައި އީފާސްގެ ޚާއްޞަ މޯބައިލް ހެލްޕްޑެސްކެއް ޤާއިމުކުރެވިގެންދާނެއެވެ. މިއާއެކު، އީފާސް އެކައުންޓް ލޮކްވުމާއި، ފޯނު ނަންބަރު ނުވަތަ އީމެއިލް ބަދަލުވުން ފަދަ އެކި އެކި މައްސަލަތައް މި ހަރަކާތުގެ ތެރެއިން ވަގުތުން ހައްލުކޮށްދެވޭނެއެވެ. މި ހިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާއިރު އީފާސް އެކައުންޓްގެ ވެރިފަރާތުން ހާޒިރުވެ އެފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ގެންނަންވާނެއެވެ.

އަދި މީގެ އިތުރުން، އީފާސްއާ ބެހޭގޮތުން އެއްވެސް ކަމެއް ސާފުކުރުން ނުވަތަ މަޝްވަރާކޮށްލަން ބޭނުންނަމަ، އީފާސް ޓީމާއި ބައްދަލުކުރުމުގެ ފުރުސަތުވެސް މި ހަރަކާތުގެ ތެރެއިން ލިބިގެންދާނެއެވެ.

އިތުރު މަޢުލޫމާތު ނޫނީ ގުޅުއްވުމަށް

© All Rights Reserved 2026 Secretariat of Dh.Kudahuvadhoo Council