ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

Secretariat of the kudahuvadhoo Council, South Nilandheatholhu

ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު )ގާނޫނު ނަންބަރު 2010/7 ) ގެ ދަށުން އުފައްދާފައިވާ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚްޞެކެވެ. މީލާދީ ސަނަތުން 2011 ގައި އެންމެ ފުރަތަމަ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ދ.ކުޑަހުވަދޫ ކައުންސިލަށް އިންތިޚާބުވި މެމްބަރުން، ޤާނޫނީ ހަމަތަކުގެ މަތީން މެމްބަރުކަމުގެ ހުވާކުރައްވާފައިވަނީ 26 ފެބްރުއަރީ 2011 ގައެވެ. މިޤާނޫނު ވުޖޫދުވުމާގުޅިގެން ކުރިން ހިންގަމުން އައި ދ.ކުޑަހުވަދޫ އޮފީހުގެ އެންމެހާ މަސައްކަތްތަކާ އަދި ދ.ކުޑަހުވަދޫ އޮފީހުގެ ބެލުމުގެ ދަށުގައި ހުރި އެންމެހާ ވަޞީލަތްތަކާ، ހަރުމުދަލާ، ތަންތަން އަދި މުވައްޒަފުން، ޤާނޫނުގައި އޮންނަ ހަމައިގެމަތިން ދ.ކުޑަހުވަދޫ ކައުންސިލަށް ނަގުލުކުރެވުނެވެ.

ކައުންސިލްގެ މައިގަނޑު ބޭނުމަކީ ދ.ކުޑަހުވަދޫގެ ރައްޔިތުންގެ ކަންކަން ދީމިޤްރާތީ އަދި ޖަވާބުދާރީވަނިވި އުސޫލުން ނިންމުމަށް މަގުފަހިކޮށްދީ، އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުންނާއި، ޘަޤާފީގޮތުން، ކުޑަހުވަދޫގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދ.ކުޑަހުވަދޫއަކީ ހިތްފަސޭހަ އަމާންވެއްޓެއް ޤާއިމްކޮށް ދިނުމެވެ.

މިއިދާރާގެ ނަމަކީ " ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ" އެވެ. މިނަމުގައި ރައީސުލްޖުމްހޫރިއްޔާ މިއިދާރާ އުފައްދާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން، 22 ފެބްރުއަރީ 2011 ގައެވެ. އަދި މިއިދާރާ ޤާއިމްވެފައިވަނީ މިޤާނޫނުގެ 128 ވަނަ މާއްދާއާއި 155 ވަނަ މާއްދާގެ (ދ) ގައި ބުނެފައިވާ ތަނުގައި ކަމަށް 26 ފެބްރުއަރީ 2011 ގައި ބޭއްވުނު ކުޑަހުވަދޫ ކައުންސިލްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއިން ކައުންސިލްގެ ޤަރާރުން ކަނޑައެޅުނު ހިސާބުން، މިއިދާރާ 2022 ސެޕްޓެންމަހުގެ 08 ވަނަ ދުވަހާއި ހަމައަށް މިއިދާރާ ހިންގަމުން ގެންގޮސްފައިވަނީ ދ.ކުޑަހުވަދޫގައި ހުރި ރަށުއޮފީސް ހިންގި ޢިމާރާތުގައެވެ. އަދި 2022 ސެޕްޓެންބަރު 09 ވަނަ ދުވަހުން ފެށިގެން އިދާރާ ހިނގަމުން އަންނަނީ ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ގެ ދަށުން އިމާރާތްކޮށްދެއްވި އައު އިމާރާތުގައެވެ. މިހާރު ކައުންސިލްގެ ޤާނޫނު ބުނާ ގޮތުން އިދާރާ ހިންގުމުގެ ޒިންމާއުފުލަންޖެހޭ އިސްފަރާތަކީ ކައުންސިލްގެ ރައީސްއެވެ. ރައީސް ނެތްޙާލަތެއްގައި ނާއިބު ރައީސްއެވެ.

އިތުރު މަޢުލޫމާތު ނޫނީ ގުޅުއްވުމަށް

© All Rights Reserved 2025 Secretariat of Dh.Kudahuvadhoo Council