އެއްވަނަ ދަރަޖައިގައި ޙާފިޘްކަމުގެ ސަނަދު ހާސިލްކުރި އަނަސްގެ އަގު ވަޒަންކޮށްފި

ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ޙާފިޘްކަމުގެ ސަނަދު ޙާޞިލްކުރި އަލްޙާފިޘް އަނަސް ބުން މުޢާޛު (ހެމާ،. ދ. ކުޑަހުވަދޫ) ގެ އަގުވަޒަންކޮށް، އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން މި ކައުންސިލާއި ދ. ކުޑަހުވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާކޮމެޓީގެ ފަރާތުން ފައިސާގެ އިނާމެއް ދީފިއެވެ.
އަނަސްއަކީ ދ. އަތޮޅު ތަޢުލީމީ މަރުކަޒު (ދ.އޭއީސީ) ގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރެކެވެ. އޭނާ ހޯދި މި މަތިވެރި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ކުޑަހުވަދޫ ކައުންސިލްގެ އިދާރާގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އަނަސް ހޯދި ފަޚުރުވެރި ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުން އެ ރަށު ކައުންސިލްގެ ފަރާތުން ވަނީ 10،000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި މީގެ އިތުރުން، ކުޑަހުވަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ.ކ) ގެ ފަރާތުން ވެސް ވަނީ 5،000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް އަނަސްއަށް ޙަވާލުކޮށްފައެވެ.

ކުޑަހުވަދޫ ކައުންސިލްގެ އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ކައުންސިލްގެ މެންބަރުންނާއި، އ.ތ.މ ކޮމިޓީގެ މެންބަރުންގެ އިތުރުން އަނަސްގެ ޢާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި، އަނަސް ކީރިތި ޤުރްއާން ހިތުދަސްކުރުމުގައި ދެއްކި ނަމޫނާ މަސައްކަތް ފާހަގަކޮށް، އޭނާގެ މުސްތަޤުބަލަށް ކާމިޔާބީއަށް އެދި ހެޔޮދުޢާ ކޮށްފައިވެއެވެ.
ޅައުމުރުގައި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި މިފަދަ ޝަރަފުވެރި ސަނަދެއް ހާސިލްކުރުމަކީ މުޅި ކުޑަހުވަދޫއަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ.
އިތުރު މަޢުލޫމާތު ނޫނީ ގުޅުއްވުމަށް